…ހުވަފެނީ ހާލުގަޖެހުމެއް

ނެގި ރިޔާވެސް ވެއްޓުނީ، ދަންމާނު ވާ ވެސް ދޫވަނީ
ނެގި އެރާޅާއެކު މިއޮޑި، މާކަނޑުތެރޭ ބަންޑުންވަނީ

ގަދަކަމުން ކަނޑުގާވި އޮއިވަރު، ހަމަޖެހޭނެ ގޮތެއް ނެތޭ
މަދަދަކަށް އެދި ގޮވިޔަކަސް، އަތޮޅާ ދުރަށްގޮސް ކަނޑުވަނީ

ފަޅުރަށެއް މާ ދުރުދުރުން، ފެނުނަސް ހަދާނެ ގޮތެއް ނެތޭ
ކަޅުވިލާ ބޯމަތި ކުރީމާ، ހާލުގާ ޖެހެމުން ދަނީ

ކަރުގެ ތެރެއަށް ވަން އެލޮނުގަނޑު، މަރުގެ ރަހަ ލައްވައިފިޔޭ
މަރުވެފައިވާ މައްޔިތެއް، ފަދައިންނެ އެވަގުތު ސިފަވަނީ

ދެން ހަނދާންވީ ދަރިފުޅާ، އަނބި ގޮއްޔެ ރަށުގާ ވީކަމޭ
އެންމެނާ ވަކިވާންޖެހޭ، ވަގުތޭ އައީ ހަމަ ހީވަނީ

އޭގެ ފަހުގާ ވީނުވީ، ނޭނގި އެތަކެއް އިރު ފަހުން
ގޭގެ ކޮޓަރީގާ މައޮށްވާ، ދުނިޔެއަށް ލޯ ހުޅުވެނީ